ޔޫތް މިނިސްޓަރ މަޙްލޫފް - ފޮޓޯ: ވަގުތު

ނުފޫޒުވަދެ، ޒާތީވެ، ގޯސްކޮށް ކަންކުރާތީ ދައުވާކުރިޔަސް މަހުލޫފު އިސްތިއުފާނުދޭން ނިންމަނީ!

މައްސަލައިގެ ތެރެއަށް ނުފޫޒުވަދެ، ޒާތީވެ، ގޯސްކޮށް ކަންކުރާތީ ދައުވާކުރިޔަސް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދިނުމާމެދު އަލުން ވިސްނާވަޑައިގަނަންވާނެކަމަށް މަހުލޫފު ވިދާޅުވެއްޖެއެވެ.

މަޙްލޫފް މީގެ ކުރިން ވިދާޅުވެފައިވަނީ، ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އަޅުގަނޑާމެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެއްމެދުވަހަކުވެސް މިމަގާމުގަ ދެމިނުހުންނަވާނެ ކަމަށެވެ.

ނަމަވެސް، ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި މަޙްލޫފް ވިދާޅުވީ، ޕީޖީ އޮފީހުންވެސް ގޯސްކޮށް ކަންކަން ދާތީވެ، ދައުވާކުރިނަމަވެސް އިސްތިއުފާ ދެއްވުމާއިމެދު އަލުން ވިސްނަވާނެ ކަމަށެވެ.

"ކުރިން ނިންމައިގެން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމީމަ އިސްތިއުފާ ދޭން.އެކަމަކު މިހާ ގޯސްކޮށް ޕީޖީ އޮފީސް ތެރެއިންވެސް ކަންކަން ދާތީ،ދައުވާ ކުރިޔަސް ދެން އަޅުގަނޑު އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނަށް. ހަޑިކޮށް އެއްބަޔަކު ކުޅޭއިރު އެހާ ފަސޭހަކޮށް މަގުކޮށާދޭކަށްނެތިން." ހިތްހަމަނުޖެހުން ފާޅުކޮށް މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، އޭނާއަށް ތުހުމަތުކުރާ މައްސަލައިގެ ތެރެއަށް ފެށުނީއްސުރެ ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށާއި، ތުހުމަތުތަކަކީ ސީދާ ޒާތީ ކަމެއް ކަމަށެވެ. އަދި ދައުވާކޮށްފިނަމަ، އެމަނިކުފާނު ދައްކަވާ ވާހަކަތަކަކީ ތެދުކަން ކޯޓުތެރޭން ހާމަވާނެކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، ގިނަވެގެން 6 ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާކަމަށް PG ޕްރެސްގަ ވިދާޅުވި ނަމަވެސް، މައްސަލަ ޕީޖީގައި އޮންނަތާ 60 ދުވަސް ވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަތައް ނިންމަން ނަގާފައި އޮތް ކޮމިޓީން ދައުވާ ނުކުރެވޭނެކަމަށް ބުނުމުން، އެމީހުންގެއަތުން މައްސަލަ އަތުލާ އެހެން ބަޔަކާ ހަވާލުކޮށްފައިވާކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްފޫލް އިތުރަށް ވިދާޅުވީ، ޗެއިން އޮފް ކަސްޓަޑީ ނެތް ޗެޓްލޮގްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފަރަޑޭ ފޮރެންސިކްއަށް ސިދާ ޕީޖީން ގުޅައިގެން އެމީހުން ކޯޓަށް ގެންނަން އުޅެފައިވާ ކަމަށާއި، އެއީ އެމީހުންނަށް ކުރެވޭނެ ކަމެއްނޫންކަމަށް އެމީހުން ބުނާ ކަމަށެވެ. އަދި ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ޤާނޫނީ ބުރަދަނެއް ނޯންނާނެ ކަމަށާއި، އެ ޗެޓް ލޮގްތަކުގައި އޭނާ ދެއްކި ކަމަށް ބުނާ ވާހަކައެއްވެސް ނެތްކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވަނީ އަވަށްޓެރި ލަންކާގައި ހުންނަވާ ދިވެހި ސަފީރުވެސް ޤާނޫނީ އިމުގެ ބޭރުން ކަންތައްތަކެއް ކުރައްވައި، މަޙްލޫފަށް ރައްދުވާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާކަމުގެ ތުހުމަތުތަކެއް ކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތުހުމަތުގައި ޔޫތް މިނިސްޓަރުގެ ޒިންމާތަކުން ދުރުކޮށް، މަހްލޫފް ގޭގައި ހުންނަވާތާ ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މައްސަލައިގައި ދައުވާކުރުމާމެދު ޕީޖީއަށް އަދިވެސް ގޮތެއް ނުނިމެވެއެވެ. މަޙްލޫފް ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިނުވާނެ ކަމަށާއި، ހިންގާފައިވަނީ ޑޮލަރުގެ މުއާމަލާތެއް ކަމަށެވެ. އަދި ތަފާތުކޮށް އަބުރު ކަތިލަނީ ސިޔާސީގޮތުން ކަތިލަން ކަމަށްވެސް މީގެ ކުރިން މަޙްލޫފް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ