އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ތުހުމަތުކޮށް ދަޢުވާ ކުރަން ފޮނުވާފައިވާ ޔޫތް މިނިސްޓަރ މަޙްލޫފް އޭނާގެ މައްސަލާގައި އަވަހަށް ގޮތެއް ނިންމަދިނުމަށް އެދެފިއެވެ.
މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހު ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއިން ޔަޤީންވާ ގޮތުން، 24 ޖެނުއަރީގައި ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ޕޮލިހުން ޕީޖީ އޮފީހަށް އޭނާގެ މައްސަލަ ހުށައެޅުމުން ތަޙްޤީޤު ފުރިހަމަކުރަން އަންގާފައިވާކަމަށެވެ.
މަޙްލޫފް މިހެން ވިދާޅުވި އިރު، އޭނާގެ މައްސަލަ އަނބުރާ ފޮނުވާލިކަމަށްވެސް ވަނީ މީޑިއާތަކުގައި ރިޕޯޓްކޮށްފައެވެ.
ނަަމަވެސް ޕީޖީ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ. ޕީޖީ އޮފީހުން ހާމަ ކުރައްވާފައިވާ ގޮތުގައި މަޙްލޫފްގެ މައްސަލަ އަނބުރާ ފޮނުވާނުލާކަމަށާއި، ނަމަވެސް އިތުރު ބައެއް ލިޔެކިޔުންތައް ބޭނުންވާތީ، އެތަކެތި ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިކަމާއި ގުޅިގެން މަޙްލޫފް ވިދާޅުވީ ކުރިންވެސް ޕީޖީ އޮފީހުން ތަޙްޤީޤު ފުރިހަމަ ކުރަން އެންގިނަމަވެސް، އޭގެ 5 މަސް ފަހުންވެސް އޭސީސީ އިން ހަމަ މައްސަލަ އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވުމުން އަނެއްކާވެސް ޕީޖީ އޮފީހުން އެ މައްސަލަ ފުރިހަމަ ކުރަން އަންގާފައިވާކަމަށެވެ.
މިކަމާއި ގުޅިގެން އޭސީސީގެ ރައީސް ޝިއުނާގެ އިސްތިޢުފާއަށްވެސް މަޙްލޫފް ވަނީ ގޮވާލައްވަފައެވެ. މަޙްލޫފް ވިދާޅުވީ އޭނާއަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫންކަމަށާއި، ކަންކުރަން ނޭނގޭނަމަ އިސްތިއުފާ ދެއްވުން ރަނގަޅުވާނެކަމަށެވެ.
މަޙްލޫފު ވިދާޅުވީ ދަޢުވާ ކުރިޔަށް އަދި ނުކުރިޔަށް އެއީ ޤާނޫނާ ޚިލާފަށް ހޯދާފައި ހުރި ހެކިތަކެއްކަމުން އަދި ޕީޖީ އެ ވިދާޅުވާ ގޮތަށް ދަޢުވާ ފުރިހަމަވެސް ނުކުރެވޭނެކަމަށެވެ.
"އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވާ ދެއްވުން" މަޙްލޫފް ވިދާޅުވިއެވެ.