ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމަށް އއ. ފެރިދޫ، ސިޔާމާމަންޒިލް، އަލްއުސްތާޛު އަޙްމަދު ޝަކީލް އައްޔަން ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހޯދުމަށް ކުރި އިޢުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކާއި "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމެޓީ" އިން އިންޓަވިއުކުރުމަށްފަހު އެ ކޮމިޝަނަށް ހުށައަޅާފައިވާ ރިޕޯޓްގައި ވާ ގޮތުގެ މަތިން އަޙްމަދު ޝަކީލް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
އެގޮތުން ޝަކީލްއަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމުގެ ފަތްކޮޅު އަރުވާފައި ވަނީ ޖޭއެސްސީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ޙުސައިންއެވެ.
ކްރިމިނަލްކޯޓުގެ އިސްޤާޟީގެ މަޤާމަށް އައްޔަނުކުރެއްވި ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލްކުރައްވާފައެވެ.
މީގެ އިތުރުން އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ޝަކީލް ވަނީ މީގެ ކުރިން ޖުވެނައިލްކޯޓާއި، ސިވިލްކޯޓު އަދި ފެމިލީކޯޓާއި ކްރިމިނަލްކޯޓުގައިވެސް ފަނޑިޔާރުކަން ކުރައްވާފައެވެ.




