ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު - ފޮޓޯ: ސަން

އަދީބުގެ މައްސަލަތައް ބާޠިލްކުރި ޤާޟީ މަޤާމުން ވަކިކުރަން ނިންމައިފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު މަޤާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، 2010/Cr- ,639/Cr-C/2019 ،638/Cr-C/2019 ،637/Cr-C/2019 ، ،640/Cr-C/2019 ،C/641 އަދި 2019/Cr-C/642 ޤަޟިއްޔާތައް ހިންގައި ނިންމުމުގައި އެ ޤަޟިއްޔާތައް ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު ޢަމަލުކޮށްފައި ވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު)ގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ޚިލާފަށްކަމަށެވެ.

އަދި ހަވާލާދެވުނު ޤަޟިއްޔާތަކާ ގުޅިގެން އިޖުރާޢީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް 12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު 14 ޖުލައި 2020 ވަނަ ދުވަހު އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ޙުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ޙުކުމެއްކަމަށްވެސް ޖޭއެސްސީންވަނީ ބުނެފައެވެ.

އެގޮތުން ތަޙުޤީޤަށް ހޯދުނު ޕެންޑްރައިވެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ޙުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކަކަށްވުމުން އެނގޭކަމާއި، 22 ފެބްރުއަރީ 2020 ވަނަ ދުވަހު ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖުރާއީ ގޮތުން ނިންމާ ނިންމުން” މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ [trip finale v2]] ކަމާއި މި ނަމަކީ އާންމުގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލު ނުކުރެވޭތީ އާއި، މި ނަމަކީ އެ ޤަޟިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ޚިލާފު ނަމެއްކަން ފާހަގަވާތީ އާއި، ޤާޟީ އިސްމާޢީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ޤަޟިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި ޤަޟިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ޤަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ޤަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ ޢަމަލުތަކާމެދު ސުވާލު އުފެދޭކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

"މި އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު އިސްވެދެންނެވުނު ހަތް ޤަޟިއްޔާގައި ޤާޟީ އިސްމާޢީލް ރަޝީދު ޙުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވާހިނދު، ޤާޟީ އިސްމާޢީލް ރަޝީދުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށްވާތީ، ޤާޟީ އިސްމާޢީލް ރަޝީދުކޮށްފައިވާ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއް" ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް މިއަދު ބޭއްވި މި އަހަރުގެ 41 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީންވަނީ ބުނެފައެވެ.

މިމައްސަލަތަކާއި ގުޅިގެން ޤާޟީ އިސްމާޢީލް ރަޝީދު މިދިޔަ އަހަރުގެ ޖުލައި މަސްތެރޭގައިވަނީ ޤާޟީކަމުގެ މަޤާމުން ސަސްޕެންޑްވެސް ކޮށްފައެވެ.

އަދީބުގެ މައްސަލަތައް ބާޠިލްކުރި ޤާޟީ މަޤާމުން ސަސްޕެންޑް ކޮށްފި

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ