ދަ ސްޓޭންޑިންގ ކޮމިޓީ ފޯރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 36 ވަނަ ބައްދަލުވުމުގެ މިނިސްޓީރިއަލް ސެޝަންގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ތަޤުރީރުކުރައްވައިފިއެވެ.
ނޮވެމްބަރ 25 އިން 26 ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުން ހުޅުވާ ދެއްވީ ކޮމްސެކް ގެ ޗެއަރމަން، ތުރުކީގެ ރައީސް ހިޒް އެކްސެލަންސީ ރަޖަބް ތައްޔިބު އުރުދުޣާންއެވެ.
ޕްރޮމޯޓިންގ އެންޓްރޕްރިނިއަރޝިޕް ފޯ ޓޫރިޒަމް އިންޑަސްޓްރީ ކޮމްޕެޓެޓިވްނަސް' ޝިޔާރުގެ ދަށުން މިއަދު ބޭއްވި ސެޝަންގައި މިނިސްޓަރ ޑރ. މަޢުޞޫމް ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ، މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުޞަތުތައް ހޯދާ ފަތުރުވެރިކަމުގެ ވިޔަފާރީގެ އައު އުކުޅުތައް ތަޢާރަފް ކުރަންވީ ވަގުތު ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަމުގައި ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތްކަމުގައި ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯރޕަރޭޝަން (އޯ.އައި.ސީ.) ގައި ހިމެނޭ 4 ދާއިމީކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ކޮމްސެކްގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމުއޮވެއެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ގެސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީން އާއި މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރާއި ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް



