ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް - ފޮޓޯ: ދައެޑިޝަން

ހޯމްސްޓޭ ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ލިބޭނެ: ޑރ. މަޢުޞޫމް

ހޯމްސްޓޭ ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމުގައި ޓުރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޮވިޑު-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައިސްފައިވުމުން މި ދަނޑިވަޅަކީ ހޯމްސްޓޭ ޓޫރިޒަމް ތައާރަފް ކުރަން އެންމެ އެދެވޭ ވަގުތު ތޯ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސުވާލު އުފައްދާފައިވަނިކޮށެވެ.

އެގޮތުން މިނިސްޓަރ މަޢުޞޫމް ވިދާޅުވީ މުސްލިމުންގިނަ، އާދަކާދަ ފިސާރި މެލޭސިއާފަދަ ގައުމުތަކުގައިވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބުކަމަށާއި، ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށާއި ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހޯމްސްޓޭ ޓޫރިޒަމްގައި މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކުގައި ކަންކުރުންކަމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ހޯމްސްޓޭ ޓޫރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓޫރިޒަމެއްކަމުގައިވާއިރު، މި ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް ހޯމްސްޓޭ ތަޢާރަފްކުރަން މިހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން މުޙިންމުކަމުގައި އެ އެސޯސިއޭޝަނުން ވަނީ ވިދާޅުވެފައެވެ.

ހޯމްސްޓޭ ޓޫރިޒަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިދަނީ ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް ދާދިފަހުން ސަރުކާރުން އިޢުލާނު ކުރުމާއި ގުޅިގެންނެވެ.

ހޯމްސްޓޭ ޓޫރިޒަމަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ބެހެއްޓުމެވެ. އަދި އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ދިރިއުޅޭ މީހުންނާ އެކު ފަތުރުވެރިޔާއަށް ވެސް ހިއްސާކޮށް އުޅެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ