ކޮވިޑް-19ގެ ސަބަބުން ޖިންސުގެ ހަމަހަމަކަމަށް ހޯދުނު ކުރިއެރުން 25 އަހަރަށް ފަހަތަށް ގޮސްފައިވާކަމަށް ޔޫއެން ވޮމެން އިން ބުނެފިއެވެ.
ޔޫއެން ވޮމެން އިން ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން އަންހެނުން ގޭގައި ކުރާ މަސައްކަތްތަކާއި އަދި އާއިލާއަށް އަޅާލާ އަޅާލުން ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ.
"25 އަހަރުގެ މުއްދަތައް ޖިންސުގެ ހަމަހަމަކަމަށް ކުރި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ގެއްލި ދިޔުމުގެ ބިރު މިހާރު މިވަނީ ހީވެފައި" ޔޫއެން ވޮމެންގެ ޑެޕިއުޓީ އެކްސްކިއުޓިވް ޑައިރެކްޓަރ ވިދާޅުވެފައި ވެއެވެ.
ޔޫއެން ވޮމެން އިން އިތުރަށް ބުނެފައިވަނީ، ވަޒީފާގެ ފުރުސަތާއި ތައުލީމުގެ ފުރުސަތު ގެއްލުމުގެ އިތުރުން އަންހެނުންގެ ނަފުސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ ތެރޭ ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް މުސާރަ ނުލިބޭ މަސައްކަތްކުރާ މީހުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މީހުންނަކީ އަންހެނުން ކަމަށް އަންދާޒާ ކުރެވިފައި ވެއެވެ. މީގެމާނައަކީ މުސާރަ ނުލިބޭ ގޮތަށް ފިރެހެނަކު ކުރާ ކޮންމެ އެއްގަޑިއިރެއްގެ މަސައްކަތައް އަންހެނުން މުސާރަ ނުލިބޭގޮތަށް ތިން ގަޑިއިރުގެ މަސައްކަތް ކުރެއެވެ.
ޔޫއެން ވޮމެންއިން ބުނީ، މިއަދަދުތައް މިހާރު ދެގުނައަށް އިތުރުވެފައިވާކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.




