"އިއްމޯޓަލް އަޝްވަޓްތަމާ"ގެ ލީޑްރޯލުން މަޝްހޫރު ބަތަލް ވިކީ ކޯޝަލް އާއިއެކު ލީޑްރޯލުން ފެނިގެންދާނީ ސާރާ އަލީ ހާން ކަމަށް އަަޑުފެތުރެން ފަށައިފިއެވެ.
އެގޮތުން ޑައިރެކްޓަރ އަދިތުޔާ ދަރުގެ ސުޕަހީރޯ ތްރިލާއެއް ކަމަށްވާ "އިއްމޯޓަލް އަޝްވަޓްތަމާ" ކުޅެން ސޮއިކޮށްފައިވާ ކަން ވިކީ ހާމަ ކުރި ހިސާބުން އޭނާގެ ސަޕޯޓަރުން ދަނީ އެ ފިލްމު ސިނަމާތަކުގައި އަޅުވާނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ. މުމްބާއީ މިރޯގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިލްމުގެ ބަތަލާއެއްގެ ރޯލުން ފެނިގެން ދާނީ ސާރާއެވެ. ސާރާ ވަރަށް އަވަހަށް އެ ފިލްމު ކުޅުމަށް ސޮއި ކުރާނެ ކަމަށްވެސް މުމްބާއީ މިރޯއިން ބުނެފައިވެއެވެ.
ޕިންކް ވިލާގައި ބުނެފައިވާގޮތުގައި އެ ފިލްމުގެ ޝޫޓިންތައް ނިންމާލެވޭނީ ގާތްގަނޑަކަށް 80 ނުވަތަ 90 ދުވަހުގެ ތެރޭގައެވެ. ފިލްމުގެ ޝޫޓިންތައް އިންޑިއާގެ އިތުރުން ގްރީސް، ނިއުޒިލެންޑް އަދި ޖަޕާންގައި ކުރިއަށް ގެންދާނެއެވެ. ސާރާ "އިއްމޯޓަލް އަޝްވަޓްތަމާ" ކުޅެން ސޮއި ކޮށްފިނަމަ، އެ ފިލްމު ވެގެންދާނީ ސާރާ އަދި ވިކީ އެކީ ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ސާރާ މިވަގުތު ކުރަމުން ދަނީ ވަރުން ދަވަން އާއި އެކު " ކޫލީ ނަމްބަރު 1 ގެ މަސައްކަތްތަކެވެ.




