ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަކަމަށް ފާހަގަވެފައިވާ ސަނީ ލިއޯން، މިހާރުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ސަނީ ލިއޯން ރާއްޖޭގައި އުޅޭކަން އޭނާ ހާމަކުރީ އިއްޔެ އިންސްޓަގްރަމް މެދުވެރިކޮށެވެ. އެގޮތުން ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓު، ރޯޔަލް އައިލޭންޑް ރިސޯޓް އެންޑް ސްޕާގައި މަޖާކުރަމުންދާ މަންޒަރުތައް އޭނާ ވަނީ އިންސްޓަގްރަމްގެ ސްޓޯރީގައި ޕޯސްޓްކޮށްފަ އެވެ.
މީގެ އިތުރުން އިއްޔެ އިންސްޓަގްރަމް ފީޑުގައި ހިއްސާކުރި ޕޯސްޓުގައި އޭނާ ވަނީ "ބެކް އިން ޕެރެޑައިސް" ކަމަށް ބުނެ ކެޕްޝަންގައި ލިޔެފައެވެ.
މީގެ ހަތަރު ވަރަކަށް މަސްކުރިންވެސް ސަނީ ލިއޯން ވަނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އައިސްފަ އެވެ. އަދި އޭގެ ކުރިންވެސް އޭނާ ވަނި އެތައް ފަހަރަކު ރާއްޖެ އަށް އައިސްފަ އެވެ.
މީގެ ކުރިން އާއިލާއާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައި ނަމަވެސް، މިފަހަރު ރޯޔަލް އައިލޭންޑް ރިސޯޓް އެންޑް ސްޕާގައި އޭނާ ޗުއްޓީ ހޭދަކުރަނީ ކޮން ބަޔަކާއެކު ކަމެއް ސާފެއް ނޫނެވެ. އެއީ އޭނަގެ އިންސްޓަގްރަމް ޕޯސްޓުތަކުން ފެންނަނީ އޭނާ އެކަނި ރިސޯޓުގައި އުޅޭ ފޮޓޯތަކާއި ވީޑިއޯތަކެވެ.
އުމުރުން 40 އަހަރު ވެފައިވާ ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއެލްގެ ތިން ކުދިން ތިބެއެވެ.



