އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ، މޯދީގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ބޭނުމަށް މާލޭގެ ބައެއް މަގުތަކުގައި ޕާކުކުރުން މިރޭ 7:00 އިން ފެށިގެން މަނާވާނެ ކަމަށެވެ. ޕާކު ކުރުން މަނާ ސަރަހައްދުތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ފުލުހުންގެ ޗާޓުން ފެންނަ ރީނދޫ ބަޔަކީ ބަންދު ކުރަން ނިންމާފައިވާ ސަރަހައްދެވެ. ރަތްކުލައިން ފެންނަނީ ޕާކު ކުރުން މަނާ ސަރަހައްދުތަކެވެ. އަދި ބައެއް މަގުތައް ވަންވޭ ކުރަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މޯދީ މާލެ ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް ސިނަމާލެ ބުރިޖު ވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ސިނަމާލެ ބުރިޖު ބަންދު ކުރާ ގަޑިއެއް އަދި ފުލުހުން އިއުލާނެއް ނުކުރެއެވެ.
ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމާއި ހަވާލުވުމަށް ފަހު މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ހޮނިހިރު ދުވަހު މާލެ ވަޑައިގަންނަވާއިރު މޯދީ މާލެ އިން ފުރައިވަޑައިގަންނަވާނީ އާދީއްތަ ދުވަހު އެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެ އެވެ.