އިންޑިއާގެ މިނިވަންދުވަހާއި ގުޅިގެން ހުޅުމާލޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް

އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން މިއަދު ހުޅުމާލޭގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި 100 އަށްވުރެ ގިނަ ބަޔަކު ބައިވެރިވެ ލޭ ހަދިޔާކޮށްފިއެވެ.

މިއަދު މެންދުރުފަހު ހުޅުމާލެ އޮރެންޖް ހިޔާގައި ކުރިއަށްގެންދިޔަ މި ހަރަކާތާ ގުޅޭގޮތުން މޯލްޑިވްސް ބްލަޑް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް އަހުމީމް ފާރިޝް ވިދާޅުވީ ޖުމްލަ 105 މީހުން ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ހަރަކާތެއް ކުރިއަށްގެންދިޔަކަމަށްޓަކައި އިންޑިއާގެ ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން މޯލްޑިވްސް ބްލަޑް ސަރވިސް އަދި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އިންޑިއާގެ ހައި ކޮމިޝަނާއެކު ޚާއްސަ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި މި ބައްދަލުވުންތަކުގައި ބްލަޑް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި، ބްލަޑް ސަރވިސްއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގައި ބިދޭސީންގެ އިތުރުން ދިވެހިންވެސް ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާއިރު، އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން މިފަދަ ހަރަކާތެއް ކުރިއަށްގެންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ