ހުޅުމާލޭ ގެއަކުން ފެނުނު ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަލައިގައި ދެފަހަރަކު ހައްޔަރުކޮށް ދޫކޮށްލާފައިވާ ދެ މީހުން އަނެއްކާވެސް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ތިންވަނަ ފަހަރަށް ރޭގެ ވަގުތެއްގައި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ.
މިމަހުގެ 4 ވަނަ ދުވަހުގެ ރޭ އެންމެ 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި، އުމުރުން 52 އަހަރުގެ އޭނާގެ މަންމައެވެ. ނަމަވެސް ދެ ފަހަރެއްގެ މަތިން ކޯޓުން އެދެމީހުން ވަނީ ދޫކޮށްލާފައެވެ.
52 އަހަރުގެ އަންހެން މީހާ ކްރިމިނަލް ކޯޓުން ފުރަތަމަ ދޫކޮށްލީ އޭނާ ހައްޔަރު ކޮށްފައި ވަނީ އެއްވެސް ތުހުމަތެއް އޮވެގެން ނޫންކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ދަރިފުޅު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައި ނުވާތީކަމަށް ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވުމުންނެވެ.
25 އަހަރުގެ މީހާ ކްރިމިނަލް ކޯޓުން ފުރަތަމަ ދޫކޮށްލީ އޭނާ ހައްޔަރު ކުރުމުގެ އަމުރާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް އޮތް ދެ އަމުރުން ކުރެ އެއްވެސް އަމުރެއްގައި އަމުރު ނެރުއްވި ފަނޑިޔާރެއްގެ ނަންފުޅު ނެތުމުން އެއީ ފަނޑިޔާރަކު ނެރުއްވި އަމުރެއް ކަން އެނގެން ނެތުމުންނެވެ.
މި ދެމީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުން މަތީ ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރުމުގެ ބަދަލުގައި ފުލުހުން ވަނީ ހުޅުމާލެ ކޯޓުގެ އަމުރެއް ހޯދައި އަލުން އެދެމީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ހައްޔަރުކުރުމުން ހުޅުމާލެ ކޯޓުން އެދެމީހުން ދޫކޮށްލީ ބަންދަށް އެދުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާތީއެވެ.
ކަން މިހެން ހިނގާފައި ވަނިކޮށް އަނެއްކާވެސް ފުލުހުން އެދެމީހުން ހައްޔަރުކޮށްފައި މިވަނީ ހުޅުމާލޭ ކޯޓުން އައު ކޯޓު އަމުރެއް ހޯދައިގެންނެވެ. މި މައްސަލައިގައި ފުލުހުންނާއި ކްރިމިނަލް ކޯޓާ ދެމެދު ނުތަނަވަސްކަމެއް އުފެދި ކްރިމިނަލް ކޯޓުން ވަނީ ރޭ ނޫސްބަޔާނެއްވެސް ނެރެފައެވެ.