2021 އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ފާސްކުރަން މިއަދު ވޯޓަށް އަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ކޮމެޓީން ބަޖެޓު ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުއްވުމުން ބަޖެޓުގެ ދިރާސާ ރިޕޯޓާއި ގުޅެގޮތުން 37 މެންބަރަކު ވަނީ އެރިޕޯޓަށް ބަހުސް ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުގެ ދިރާސާ ރިޕޯޓާއި ގުޅިގެން 4 ގަޑިއިރާއި 7 މިނެޓު ވަންދެން މެންބަރުން ބަހުސް ކުރައްވާފައި ވާކަމަށެވެ. އަދި ބަޖެޓުގެ ދިރާސާ ރިޕޯޓުގެ ވަގުތު ނިމިފައިވާ ކަމަށާއި މިއަދު މެންދުރު 1:45 ގައި ބަޖެޓަށް ވޯޓަށް އެހޭނެ ކަމަށް ރައީސް ނަޝިދު ވަނީ ވިދާޅުވެފައެވެ.
ބަޖެޓު ދިރާސާ ރިޕޯޓުގައި 2021 ވަނަ އަހަރަށް ލަފާ ކުރާ ބެޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ ބެޖެޓުގެ ގޮތުގައި ވަނީ 6.75 ބިލިއަން ރުފިޔާ ހިމަނާފައެވެ. އަންނަ އަހަރު އެންމެ ބޮޑު ބަޖެޓެއް ދީފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ 3 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ހިމަނާފައެވެ.
ޑިފެންސް މިނިސްޓްރީއަށް 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު ހެލްތު މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ 2.15 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. ހައުސިން މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ 2.40 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރު ރައީސް އޮފީހަށް 1.71 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަށް ކަނޑައަޅާފައިވަނީ 1.77 މިލިއަން ރުފިޔާގެ ބެޖެޓެކެވެ. ޖުޑިޝަރީއަށް 5.02 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑަ އަޅާފައެވެ. ކައުންސިލްތަކަށް ކަނޑައަޅާފައިވަނީ 1.28 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.



