އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާ އެޖެންޑާ ކޮށްފައިވާ ވަގުތާމެދު ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.
މި ޖަލްސާގެ ވަގުތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ސިފަކުރެއްވީ، މިއީ މަޖިލީހުގެ ރައީސް، ދީނާއި ސިޔާސަތު ވަކިކުރުމުގެ ސިޔާސަތެއް ގެންގުޅުވާ ކަމުގެ އިޝާރަތެއްގެ ގޮތުގައެވެ.
އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ (ދެ ނަމާދު ދޭތެރެ) ދޭތެރެއަށް ވާގޮތަށް އެޖެންޑާ ކުރުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން މަޑުއްވަނީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދެ ނަމާދު ދޭތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާ ބީރައްޓެހި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، އެވަގުތު ޖަލްސާ ބާއްވާނަމަ ހަ ރޯދަ ހިފާ މީހުންނަށް ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށާއި، އެހެންވެ އެގަޑީގައި މަޖިލިސް ޖަލްސާ ބާއްވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ސަގާފަތަށް އިހުތިރާމު ކުރާނެ ކަމަށާއި އަދި ދިވެހި ސަރުކާރުން މާބޮޑަށް އެކަންކަމަށް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް (ޓޮމް) ވިދާޅުވީ، މޯދީ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައިވެސް ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި، އިންޑިއާގައި މުސްލިމުންނާ ދޭތެރޭ ހިންގާ ލާއިންސާނީ ޢަމަލުތަކާ ދުއްތުރާތަކަށް އިޙްތިޖާޖު ކުރުމުގެ ގޮތުން މޯދީ ވާހަކަފުޅު ދައްކަވަން ފެށުމުގެ ކުރިން ޖަލްސާ ދޫކޮށް ނިކުންނަވާނެ ކަމަށެވެ.
"ދީނާއި ސިޔާސަތު ވަކިކުރާ، ސެކިޔުލާ ވިސްނުމަށް ވަކާލާތުކުރާ ފަރާތްތަކުން ރާއްޖެ ސެކިޔުލާ ސްޓޭޓަކަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ ދޭތެރެއަށް ހަމަޖެއްސުން،" ޓޮމް ވިދާޅުވިއެވެ.
މި ޖަލްސާގެ ވަގުތާ މެދުގައި ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، ސަރުކާރުގެ ބައެއް ވަޒީރުން ވަނީ މި ވަގުތު ދިފާއުކޮށް ވާހަކަފުޅު ދައްކަވާފައެވެ.




