ވޭތުވެދިޔަ ދެ ދުވަހު ބޯކޮށް ވާރޭވެހި ނޮޅިވަރަމު ގެ 16 ގެއަކަށް ފެން ވަނެވެ. އަދި ގިނަ ބައެއްގެ މުދަލަށް ގެއްލުންވާ ވަރަށް ތަކެއްޗަށް ފެނުގެ އަސަރު ކުރިއެވެ. ގިނަ އިރުތަކެއް ވަންދެން ބިންއަޑި ހިސާބުތަކުން ފެންހިންދުމުގެ މަސައްކަތް އެކުވެރިކަމާ ފޯރިއާއެކު ކުރިއަށް ގެންދިޔައެވެ.

ކަމާބެހޭ އެއްވެސް ފަރާތެއްގެ އެހީތެރިކަން ނުލިބުނު ނަމަވެސް، ފެން ވަދެފައިވާ ގެތަކުން ފެން ހިއްކާ އާއްމު ހާލަތަށް ރުޖޫއަ ވުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މިއަދު ނޮޅިވަރަމަށް އަވިދިނެވެ. ހިސާބަކަށް ވައިއެބަހުއްޓެވެ، އުޑުމަތި މުޅިން ސާފު ނޫން ނަމަވެސް ވޭތުވެދިޔަ ދެ ދުވަހަށް އަޅުވާއިރު މިއަދަކީ ރީތި ދުވަހެކެވެ.
ނޮޅިވަރަމުގެ ތާންގީތަކުން ފެން ހުސްވެ، ރަށު ރައްޔިތުން ފެނަށް ޖެހިފައިވާތާ ދުވަސް ތަކެއް ވެއްޖެއެވެ. އިއްޔެގެ އެންމެ ވިލާގަނޑަކުން ހުރިހާ ތާންގިތަކެއްހެން ފުރި ރަށަށް ފެން ލިބިއްޖެއެވެ.

ކުރިއަށް ވެސް އޮތީ ވިއްސާރަ ދުވަސްތަކެއްކަމުން، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަކީ މިއަދު އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމެވެ. އެއާއެކު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވާންވާނެއެވެ.



