ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ، ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑިމޮންސްޓްރޭޝަން ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ދެ ރަށަށް ކުރައްވާ މި ޒިޔާރަތުގައި ފުރާވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ.
މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ. ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.
މި ތަމްރީނުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ހައްދުންމައްޗަށް ކުރަށްވާ މި ދަތުރުފުޅުގައި ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްޠިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވާކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްޠިތާޙުކޮށްދެއްވުމާއި، އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތަޢާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ރައީސްގެ މި ދަތުރު ފުޅުގައި ވަނީ ހަމަޖެހިފައެވެ.



