ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ޢީދު ދުވަހު ފުލުހުން ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ބަންދަށް މިއަދު 10 ދުވަސް ކޯޓުން އިތުރުކޮށްދީފިއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. އެއީ މަންމަ އާއި ދަރިފުޅެވެ.
މިމައްސަލައިގައި ހޯދި މަސްތުވާތަކެއްޗަކީ އެ ފިރިހެން މީހާގެ ތަކެތި ކަމަށާއި އެތަކެތީގެ މަޢުލޫމާތު އޭނާގެ މަންމަ އަށް ނޭނގޭނެ ކަމަށް ކޯޓުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމިއްސަލާގައި ތިން ފަހަރެއްގެ މަތިން ހައްޔަރު ކުރެވުނު ނަމަވެސް، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރެވުނު 52 އަހަރުގެެ އަންހެން މީހާ ވަނީ ދޫކޮށްލާފައެވެ. އެނގިފައިވާގޮތުން އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކާއި އެކުގައެވެ. އަދި އޭނާ ދޫކޮށްލީ ބަލިހާލަތު ހުރިގޮތުން ކަމަށް އެނގިފައި ވެއެވެ.
ފުރަތަމަ ކްރިމިނަލް ކޯޓުން އެ ދެ މީހުން ފުރަތަމަ ދޫކޮށްލީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ސައްހަ ނޫން އަމުރަކާ ގުޅިގެންނެވެ. އަދި ދެ ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ހުޅުމާލޭ ކޯޓުން ވެސް އެ ދެ މީހުން ދޫކޮށްލާފައެވެ.
މިމައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މީހުން ދޫވުމުގައި ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމެއްވާ ނަމަ އެ ކަމެއް އިސްލާޙު ކުރާނެ ކަމަށެވެ.




