ކޮވިޑް ވެކްސިން އެންމެންނަށް ވެސް ހިލޭ ލިބޭނެ: ރައީސް

ކޮވިޑް-19 ގެ ވެކްސިން، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެސް ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ހައްދުންމައްޗަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ލ.ގަމުގައި މިއަދު ހަވީރު ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން  ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު އިޝާރާތްކުރައްވާފައިވަނީ ދިވެހިިންނާއި ބިދޭސީންވެސް ހިމެނޭ ގޮތަށެވެ.

"ހުރިހާ އެންމެންނަށް ވެސް ހިލޭ ވެކްސިން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން 13000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި 4857 ބިދޭސީން ހިމެނެއެވެ. އަދި މިވަގުތު ރާއްޖޭގައި ހުރީ ކޮވިޑް-19 ގެ 1007 އެކްޓިވް ކޭސްއެވެ.

ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޯވެކްސް ފެސިލިޓީގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. މިއީ ކޮވިޑް-19އާ ގުޅޭ ވެކްސިނެއް އުފެއްދުމާއެކު، އެ އެންމެ ބޭނުންވާ ހައިރިސްކުގެ މީހުންނަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރުމަށް، އުފައްދާފައިވާ ފެސިލިޓީއެކެވެ.

މީގެއިތުރުން ކޮވިޑް-19 ގެ ވެކްސިން ރާއްޖެއަށް ބޭނުންވާވަރު ދެނެގަތުމަށް މިކެޓަގަރީގައި ހިމެނޭ ބަލި މީހުންގެ ބައެއް މައުލޫމާތު އެއްކުރަމުގެ މަސައްކަތް އެޗްޕީއޭއިންވަނީ ފަށާފައެވެ.

ހެލްތު މިނިސްޓްރީން ރޭ ވިދާޅުވީ، ހުރިހާ ދިވެހިންނަށް ވާވަރަށް ވެކްސިން ހޯދާނެކަމަށެވެ. އަދި ބާކީ ތިބި މީހުންނަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.

ރައީސް ހައްދުންމައްޗަށް ކުރަށްވި މި ދަތުރުފުޅުގައި ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން ވެސް ވަނީ އިފްޠިތާހު ކޮށްދެއްވާފައެވެ. އަދި މި ދަތުރުފުޅުގައި ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ވަނީ އިފްޠިތާޙުކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ