"ލަވް ޖިހާދު"ގެ ނަމުގައި އިންޑިއާގައި ފާސްކޮށްފައިވާ ގާނޫނުގެ ދަށުން އިންޑިއާގެ އުއްތަރަޕުރަދޭޝްގެ ފުލުހުން މުސްލިމް ފިރެހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީ، ހިންދޫ ދީނުގެ އަންހެނަކު އިސްލާމްދީނަށް ވައްދަން އުޅުނުކަމުގެ ތުހުމަތުގައެވެ. ނަމަވެސް މިމީހާވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އިންޑިއާގެ ހައްދުފަހަނައަޅައިފައިވާ ހިންދޫން ތުހުމަތުކުރާ ގޮތުގައި ކައިވެނީގެ ޒަރިއްޔާއިން ހިންދޫދީނުގެ އަންހެނުން އިސްލާމްދީނަށް ވެއްދުމަށް މުސްލިމުން އަންނަނީ ލޯބީގެ ޖިހާދެއް ކުރަމުންނެވެ. އަދި މިކަންތައްތައް ހުއްޓުވުމަށް އަންނަނީ ގޮވާލަމުންނެވެ.
"ލަވް ޖިހާދު" ގާނޫނުގެ ނަމުގައި މައްޝޫރުވެފައިވާ މި ގާނޫނު އިންޑިއާގައި ފާސްކޮށްފައިވަނީ މިދިޔަމަހު އެވެ. މި ގާނޫނު ބުނާގޮތުން ގަދަކަމުން ދީން ބަދަލުކުރުން އަދި އޮޅުވާލައިގެން ދީނަށް ވެއްދުމަކީ މަނާކަމެކެވެ. އަދި މިކުށް ސާބިތުވެއްޖެނަމަ 10 އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.
މި ގާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް ފުރައްސާރަކޮށް އަދަބުދިނުމަށް ހަދައިފައިވާ ގާނޫނެއް ކަމަށާއި މި ގާނޫނުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން މިހާރުވެސް އިންޑިއާގައި ނިކަމެތި ކޮށްލެވިފައިވާ މުސްލިމުންނަށް ގެއްލުންދިނުން އެކަށީގެންވާ ކަމަށެވެ.
"ލަވް ޖިހާދު"ގެ ގާނޫނު މިވަގުތު ހަމައެކަނި ތަންފީޒުކުރަމުންދަނީ އުއްތަރަޕުރަދޭޝްގައެވެ. ނަމަވެސް ހަރްޔާނާ، ކަރްނައްޓަކާ، އަދި އައްސާމުންވެސްވަނީ މި ގާނޫނު ތަންފީޒު ކުރުމުގެ ވާހަކަތައް ދައްކައިފައެވެ. މި ހުރިހާ ސްޓޭޓަކީވެސް ވެރިކަންކުރާ ބަހާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ކޮންޓްރޯލްކުރާ ސްޓޭޓުތަކެވެ.
ބީޖޭބީ އިން އިންޑިއާގެ ވެރިކަމާއި ހަވާލުވީފަހުން އިންޑިއާގެ ހިންދޫ ނޫން ދީންތަކުގެ އަހުލުވެރިންނަށްކުރާ ޖެއްސުމާއި ފުރައްސާރަވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައެވެ. ހާއްސަކޮށް މުސްލިމުންނާއި ދެކޮޅަށް ބީޖޭޕީ އިން ހިންގާ ދެކޮޅުވެރިކަމުގެ އަމަލުތައް ގިނައެވެ.




