މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން ޕާޓީތައް ދޫކޮށްލާފައި އޭނާއާއެކު ހިންގެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފިއެވެ.
އުމަރު މިކަމަށް އެދިވަޑައިގެންފައި މިވަނީ ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލުމާއި ގުޅިގެންނެވެ. އެގޮތުން އުމަރު ވިދާޅުވީ އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
"މި ޤައުމު މަސްތުވާ އެއްޗެތިން ސަލާމަތް ކުރުމަށްޓަކައި ޕާޓީތައް ދޫކޮށްލައްވާފަ، އަޅުގަޑާ އެކު ހިންގަވާ" އުމަރު ވިދާޅުވިއެވެ.
އެގޮތުން އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، މަސްތުވާ އެއްޗެތީގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދެއްވާނެ ކަމަށާއި މިއީ ނުގުޑާނެ ވަޢުދެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
2017 ވަނަ އަހަރު 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށުގައި މާފު ދިނުމަށް ގާނޫނުން ތަނެއް ނުދެއެވެ. ނަމަވެސް ހުކުމް ލުއިކޮށްދެވިދާނެ އެވެ. ސޮފްވަތު ޖަލުން ދޫކޮށްލީ ކޮން ގޮތަކަށް ބަލާފައި ކަމެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.



