އުމަރު ނަސީރު | ފޮޓޯ: ސަން

އުމަރުގެ ވިސްނުން ފްލެޓުގެ ބަދަލުގައި ބިން ހިއްކައިގެން ގޯތި ދޫކުރަން!

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި މައިގަނޑު އަމާޒު ހިއްޕަވާނީ ފްލެޓްގެ ބަދަލުގައި ދާއިމީކޮށް ދިރިއުޅެން ބިން ހިއްކައިގެން ގޯތި ދޫކުރުމަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ "ޗެޓް ވިތް އުމަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 47 އިންސައްތަ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އުސް އިމާރާތްތަކާއި ފްލެޓްތަކުގައި ކަމަށެވެ.

އުމަރުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ގެންގުޅުއްވާނީ އެއްތަނަކަށް ތޮއްޖެހެން ނުޖެހޭގޮތަކަށް ކަމަށާއި، 15 އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ މެދުރާސްތާގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި 2045 ވަނަ އަހަރަށް އަންނައިރު ތަރައްޤީވެފައި އޮތް ޤައުމަކަށް ރާއްޖެ ބަދަލުކުރެވިއްޖެނަމަ އެ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.

"ދިވެހީންގެ މުޅި ދިރިއުޅުން ފްލެޓަށް ބަދަލުކުރުމަކީ އަމާޒެއް ނޫން. ފްލެޓެއްގައި އުޅެންވާނީ އެހެން ގޮތެއް ނެތިގެން." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މާލެ ސަރަހައްދުން ފަޅު ހިއްކައިގެން ގޯތި ދޫކުރެވިދާނެ ކަމަށެވެ. އެގޮތުން ގިރާވަރު ފަޅާއި، ގަލުފަޅު އަދި ގުޅީފަޅު ހިއްކައިގެން ގޯތި ދޫކުރެއްވުމުގެ ސިޔާސަތު އެބައޮތްކަމަށް އުމަރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީ އަކަފޫޓަކަށް 11 ރުފިޔާގެ މަގުން ކަމަށާއި، އުމަރުގެ ވެރިކަމެއްގައި ބިން ހިއްކާފައި ރައްޔިތުންނަށް ގޯތި ދޫކުރައްވާނީ ކޯސްޓް ޕްރައިޒްގައި ކަމަށެވެ.

އުމަރު ވިދާޅުވީ، އެ ފަޅުތައް ހިއްކައިގެން ގާތްގަނޑަކަށް 15،000 ގޯތި ދޫކުރެވިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 1200 ނުވަތަ 1500 އަކަފޫޓުގެ ބޮޑުމިނުގައި އެ ގޯތިތައް ދޫކުރުމަށް އުމަރުގެ ވިސްނުން ގެންގުޅުއްވަނީ ހަމައެކަނި ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމުގެ އަގު ލިބޭނެ ގޮތަކަށެވެ.

މާލޭ ސަރަހައްދުގައި ކުއްޔަށް އުޅޭ އާއިލާތަކުގެ ތެރެއިން 50 އިންސައްތަ އާއިލާ ދިރިއުޅެނީ ކޮޓަރިއެއްގައި 4 މީހުން ނިދައިގެންނެވެ. އަދި 22 އިންސައްތަ އާއިލާތައް ދިރިއުޅެނީ ސިޓިން ރޫމްގައިވެސް ނިދައިގެންނެވެ.

އުމަރު ނަސީރު ގެންދަވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، ކެމްޕޭން ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ