އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރަށް މަގުމަތިން ހަމަލާދިން މައްސަލައިގެ ތަހުޤީގު އަވަސްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނަށް ގޮވާލައިފި އެވެ.
ޢުމަރު އިއްޔެ ވިދާޅުވީ، އިއްޔެ ހަވީރު މާލޭގައި ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް ދަގަނޑު އެއްޗަކުން މޫނުމަތީގައި ޖަހައި ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާދިނީ ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށްވެސް ޢުމަރު ވިދާޅުވި އެވެ. އަދި މި މައްސަލަ އުމަރު ވަނީ އިއްޔެ ފުލުހަށް ހުށަހަޅައިފައެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ އެންމެހައި ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން، އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މީހުންނަށް، ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭން ގާނޫނު ލާޒިމްކުރާ ކަމަށެވެ.
"އެއްވެސް ކެންޑިޑޭޓެއްގެ އަދި ރަނިންމޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރުމަކީ ކުށެއް. މިފަދަ ކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވަން ދައުލަތުގެ ސަލާމަތީ ބާރުތަކަށް އީސީގެ މެންބަރުންގެ ފަރާތުން ގޮވާލަން." ހަބީބް ވިދާޅުވިއެވެ.
އޭގެ އިތުރުން ހަބީބް ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރަށް މީހަކު ހަމަލާދީފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްގޮސް، އެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އީސީގެ ފަރާތުން ގޮވާލާކަމަށެވެ. އަދި ހަމައެހެންމެ، އިއްޔެ ގުރައިދޫ ގައި ހިނގައިދިޔަ ކެމްޕޭން ހަރަކާތްތަކުގެ ހަމަނުޖެހުމަކީވެސް އީސީން ކަންބޮޑުވާ ކަމެއް ކަމަށް ހަބީބް ވިދާޅުވި އެވެ.