ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަންކުރަނީ ކޮން މަޖްބޫރީއެއް އޮވެގެން: ޝަހީމް

ޑްރަގް ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަން ކުރަނީ ކޮން މަޖުބޫރީއެއް އޮވެގެންތޯ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞައީދު ސުވާލު ކުރައިފިއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ޑްރަގް ޑީލަރުން ދޫކުރާ މައްސަލާގައި ރައްޔިތުންނަށް ޖަވާބު ދާރީ ވާންޖެހޭނެކަމަށް ވިދާޅުވެފައެވެ.

"ޙުކުމް ކޮށްފަ ތިބޭ ޑްރަގު ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަންކުރަނީ ކޮން މަޖްބޫރީއެއް އޮވެގެން. ރައްޔިތުންނަށް ޖަވާބު ދާރީ ވާންޖެހޭނެ" ޝަހީމް ވިދާޅުވެފައިވެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި ވާއިރު ޑްރަގްގެ ބޮޑު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި މީހަކު ޖަލުން ދޫކޮށްލި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ޖަލުން ދޫކޮށްލާފައި ވަނީ 24 ކިލޯގެ މަސްތުވާ ތަކެތީގެ ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި 25 އަހަރަށް ޖަލަށްލާން ޙުކުމް ކޮށްފައިވާ އަބްދުﷲ ސޮފްވަތުއެވެ. ނަމަވެސް މި ނޫހުން ކަރެކްޝަންއަށް ގުޅުމުން ވިދާޅުވެފައި ވަނީ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަތަ ތަންފީޒު ކުރަމުންދާ މީހަކު ބަންދުން ދޫކޮށްލާނީ 4 ކަމެއްގެ ސަބަބުން ކަމަށެވެ. އެއީ އޭނައަށް ކޮށްފައިވާ ޙުކުމް ބާޠިލް ކުރުން، ހުކުމް ތަންފީޒުކޮށް ނިންމުން އަދި ޕެރޯލްގެ ދަށުން ނުވަތަ ރައީސް މަޢާފް ދެއްވުމުންނެވެ.

މި މައްސަލާގައި ސޮފްވަތުގެ އިތުރުން އިތުރު އެހެން މީހެއްގެ މައްޗަށްވެސް ވަނީ 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އޭނާވެސް ދޫކޮށްލަށް މަސައްކަތް ކުރަމުންދާކަމުގައި ބައެއް މީޑިއާތަކުގައި ވަނީ ގެނެސްދީފައެވެ.

މި ދެމީހުންގެ މައްޗަށް ކްރިމިނަކް ކޯޓުން އުމުރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައި ވަނީ 2017 ވަނަ އަހަރުގެ މާރޗް 27 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ