ނޮވެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 66 އިންސައްތަ އިތުރުވެއްޖެކަމަށް އިމިގްރޭޝަން އިން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު އެކަނިވެސް 35،759 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްގެއަށް ޒިޔާރަތްކޮށްފައިވަނީ 450,411 ފަތުރުވެރިންނެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 67,564 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް މި އަހަރު އަންނާނީ 500،000 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު ހުޅުވާލުމާއެކު އެވްރެޖުކޮށް ދުވާލަކު ރާއްޖެ އަންނަ ޓުއަރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 8،581 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން ވަނީ 7،610 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ނިމިދިޔަ ނޮވެމްބަރު މަހު ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 1،192 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުވަރިޒަމް ދާއިރާ ވަނީ އެއްކޮށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.
އެހެންނަމަވެސް ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސް ތަކެއް އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ގިނަ ރިސޯޓްތައް ވަނީ ހިންގަން ފަށާފައެވެ.



