އެއަރ އަސްތާނާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި

ކަޒަކިސްތާންގެ ޤައުމީ އެއަރލައިން، އެއަރ އަސްތާނާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

މިއީ އެއަރ އަސްތާނާއިން ރާއްޖެއަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެ. އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، އެއީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

146 ފަތުރުވެރިންނާއެކު އޭ ތްރީ 321 މަރުކައިގެ މި ބޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 7:05 ގައެވެ. އެ ފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން ލިބިފައެވެ. އަދި ޔޫއެންޓަބްލިއުޓީގެ ސޭފްޓީ ޓްރެވަލް ސްޓޭމްޕް، އޭސީއައި ސޭފްޓީ އެކްރެޑިޓޭޝަން ރާއްޖެއިން ވަނީ ހާސިލްކޮށްފައެވެ. މިފަދަ ކާމިޔާބީތަކާއި އެކު އެއަރލައިތަނުންނާއި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ އިތުބާރާއި ޔަޤީންކަން ވަނީ އިތުރުވެފައެވެ.

އަސްތާނާއިން ރާއްޖެއަށް ފަށާ އެއަރލައިންގެ ދަތުރުތަކަށް ރަނގަޅު ޑިމާންޑެއް އޮތްކަމަށް އެއަރލައިނުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުންކުރުމަށްހަމަޖެހިފައި ވަނީ ބޮއިންގ- 767 މަރުކައިގެ ބޯޓެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް ދަނީ އިތުރުވަމުންނެވެ. އަދި ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް އޮންނަ ޑިމާންޑު ރަނގަޅުވުމުން ރާއްޖެއަށް ބާއްވާ ދަތުރުތަކުގެ އަދަދުވެސް އިތުރުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ