މިއަދަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަހެވެ. ނުވަތަ ވޮލަންޓިއަރުންގެ ދުވަހެވެ.
މިދުވަހާ ގުޅިގެން ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ، ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެއް ކަމަށާއި މިމާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަށް މިޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ދަރުމަވެރިކަމަކީ އެހީތެރިކަން ފޯރުކޮއްދޭ މީހާގެ ކިބައިން އެއްވެސް އެހީއަކަށް، އެއްވެސް ހެވަކަށް އުއްމީދު ކުރުމެއްނެތި އެހީތެރިކަން ފޯރުކޮއްދިނުމަކީ ދަރުމަވެރިކަން ނުވަތަ ވޮލަންޓިއަރިޒަމް ކަމަށެވެ. އަދި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސައްލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް، އުފަލެއް ކަމަށެވެ. އަދި މުޖުތަމައުގެ ބަދަހިކަމާއި އުފާފާގަތިކަމާއި އޯފާވެރިކަން އިތުރުކޮއްދޭނެ ކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގައި ދަރުމަވެރިކަމުގެ ސިފަ ދިރުވައި ރޫހު އާލާ ކުރުމަށްޓަކައި މުޖުތަމައުގެ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ދިވެހިރާއްޖެ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލުވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކު ތިމާގެ އަމިއްލަ އެދުމުން އެއްކިބާވެ، މުޖުތަމައުގެ އުފަލަށްޓަކައި ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮއްދިނުމަކީ މުހިއްމު ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އަމިއްލަ އެދުމުން އެއްކިބާވެ، އެހީތެރިކަން ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކު ކަމެއް ކޮއްދިނުމަކީ އަމިއްލަ އުފަލެއް ކަމަށް ހެދުމަށްވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.




