އިރާދަކުރެއްވިއްޔާ މި ސީޒަން ނިމިގެންދާނީ ވަރަށް ރަނގަޅު ސީޒަނެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްރޯގާއާއި ގުޅިގެން މުޅި ދުނިޔެ ބަންދުވެ ދިވެހިރާއްޖޭގެ ޓުވަރިޒަމް ވިޔަފާރި އެކަށް ހުއްޓުނުކަމަށާއި އަދި ދަޢުލަތަށް އާމްދަނީ ލިބޭނެ ހުރިހާ މަގެއްވެސް ބަންދުވެގެން ދިޔަކަމަށެވެ.
" އަޅުގަނޑުމެން އެންމެ ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި" ހެންވޭރު އާޓިފިޝަލް ބީޗްގައި ހުރެ ދެއްވި ވީޑިއޯ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގެ ބޯޑަރު 110 ދުވަސްވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައިފައި ވަނީ 2020 ޖުލައި 15 ވަނަ ދުވަހުއެވެ.
ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ އެއްކޮށް ހުއްޓިފައެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވާ ދާއިރާއެވެ. އެހެން ކަމުން ފަތުރުވެރިކަން ހުއްޓުމުން ރާއްޖޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ފަތުރުވެރިކަން ހުއްޓުމުން ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.
ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި ގުޅިގެން އަލުން ފަތުރުވެރިކަން ފެށުނެވެ. ކުރީކޮޅުގައި ރާއްޖެއަށް އައި ފަތުވެރިންގެ އަދަދު މަދުވި ނަމަވެސް މިހާރު ވަނީ އެއަދަދު އެތައް ގުނައެއް އިތުރުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ބޯޑަރު ހުޅުވާލުމަށްފަހު މިހާރު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާކަމަށެވެ.
"މިއަދު އަޅުގަނޑު މިއިނީ ދިވެހިރާއްޖެ ހުޅުވިތާ މަހެއްހާ ދުވަސްވެ އޭގެ ފަހުން ހެންވޭރު އާޓިފިޝަލް ބީޗްގައި، އަޅުގަނޑަށް އެފެންނަނީ ހުޅުލެ، ހުޅެލޭ އެއަރޕޯޓަށް ބްރިޓިޝް އެއަރވޭސް ވެސް ޖައްސާފައި އެބެއް، ސިލޯން އެއަރލައިން ވެސް ޖައްސާފައި އެބެއް، ދުނިޔޭގެ ހުރިހާ ތަނަކުންވެސް އަނެއްކާ ފުލައިޓްތައް އައިސް އެއޮތީ، އިރާދަކުރެއްވިއްޔާ މި ސީޒަން އަނެއްކާވެސް ނިމިގެންދާނީ ވަރަށް ރަނގަޅު ސީޒަނެއްގެ ގޮތުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.3
ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ އަޅުގަނޑުމެނަށް މި ތާށިން އަރާގަނެވޭނެކަމަށެވެ.




