ކޮވިޑް-19 އަށް މީހުން ތަމްރީނުކުރުމުގެ ތެރެއިން - ފޮޓޯ: ވީނިއުސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 4 އިތުރުކޮށްފި

ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތް އިން މިރޭ ބުނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތަތީވެ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފައިވާ ކަމަށެވެ.

މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރެއަށް ހަމަވާއިރު މިއީ އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ މިނިސްޓަރު ކަމުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި ފުރަތަމަ ފަހަރެވެ.

މިނިސްޓަރ ނަސީމް ސޮއިކުރައްވާ މިރޭ ނެރުނު އިއުލާނުގައި، ވަގުތާ ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށްވަނީ އަންގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ