ކޮވިޑް-19ގެ ހަރަދުތައް ފޫބެއްދުމަށް އާޖެންޓީނާއިން އެގައުމުގެ މުއްސަނދިންގެ އަތުން އާ ޓެކުހެއް ނެގުމަށް ނިންމައިފިއެވެ.
އާޖެންޓީނާގެ ސެނެޓުން މި ޓެކްސް ނެގުމުގެ ބިލް ފާސްކޮށްފައިވަނީ، 42 ވޯޓު ލިބިގެން އިއްޔެއެވެ. މި ބިލާއި ދެކޮޅަށް 26 ފަރާތަކުން ވޯޓު ދީފައި ވެއެވެ.
މި ޓެކުހަކީ ލިބޭ އާމުދަނީއަށް ބަލައިފައި ނަގާ ޓެކުހެއް ނޫނެވެ. ނަމަވެސް މި ޓެކްސް ދައްކަން ޖެހެނީ ރައުސުލްމާލުގައި 200 މިލިއަން އާޖެންޓީނާ ފައިސާއަށްވުރެ އަގުހުރި މުދާ ހުރި މީހުންނެވެ. އަންދާޒާ ކުރެވޭގޮތުގައި 12،000 މީހުން މެ ޓެކްސް ދެއްކުމަށް ލާޒިމްވާނެއެވެ.
އާޖެންޓީނާގައި ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަަދަދުވަނީ 1.5 މިލިއަނާއި ގާތްކޮށްފައެވެ. އަދި މިބަލީގައި 40،000 މީހުންވަނީ އާޖެންޓީނާއިން މަރުވެފައެވެ. އާޖެންޓީނާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވި ފަސްވަނަ ގައުމެވެ. ޕޮޒިޓިވުވި މީހުންގެ އަދަދު އާޖެންޓީނާގައި މިލިއަނަކަށްވުރެ އިތުރުވެފައިވަނީ އޮކްޓޯބަރ މަހުއެވެ.
އާބާދީގައި 45 މިލިއަނެއްހާ މީހުން ދިރިއުޅޭ އާޖެންޓީނާގެ އިގުތިސާދު 2018 ވަނަ އަހަރުން ފެށިގެން އޮތީ ރިސިޝަނެއްގައެވެ. ކޮވިޑް-19ގެ ފުރަބަންދާއި ގުޅިގެން އެގައުމުގެ އިގުތިސާދު އިތުރަށް ހީނަރުވެ ވަޒީފާ ނެއްމީހުންގެ އަދަދާއި، ފަގީރުކަމާއި، އަދި ގައުމުގެ ދަރަނިވަނީ އިތުރުވެގެން ގޮސްފައެވެ. އަލަށް ތާރަފްކުރި މި ޓެކުހާއެކު 300 ބިލިއަން އާޖެންޓީނާ ފައިސާ ދައުލަތަށް ލިބޭނެ ކަމަށް އާޖެންޓީނާގެ ސަރުކާރުން އަންދާޒާ ކުރެއެވެ.
އަލަށް ތާރަފްކުރި މި ޓެކުހުގެ އަސަރު ހަމައެކަނި ކުރާނީ ޓެކްސް ދައްކާ މީހުންގެ 0.8 އިންސައްތަ މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ޓެކްސްދައްކަންޖެހޭ މުދަލެއް ހުރީ އާޖެންޓީނާގައި ނަމަ އެ މުދަލަކުން ޓެކްސްގެ ގޮތުގައި ނަގާނީ 3.5 އިންސައްތަ ކަމަށާއި އަދި އެ މުދަލެއްހުރީ ގައުމުން ބޭރުގައިނަމަ 5.25 އިންސައްތަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އާޖެންޓީނާ ސަރުކާރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން އަންނަނީ އަލަށް ތާރަފްކުރި މި ޓެކުހާއެކު ބޭރުގެ އިންވެސްޓަރުން ގައުމުގައި އިންވެސްޓް ކުރުމަށް ފަސްޖެހޭނެ ކަމަށާއި މިއީ ދާއިމީ ޓެކުހަކަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ.




