ޒިޔަތަށް ޙުކުމްކުރަން ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރި ޚިޔާނާތުގެ 32 ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ މައްސަލައިގެ ޙުކުމް އިއްވުމަށް މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފިއެވެ.

މިމައްސަލައިގައި ޙުލުމުން އިއްވުން މިއަދު 10:30ގައި ބޭއްވުމަށް ތާވަލުކުރިނަމަވެސް ޝަރީއަތުގެ މަޖިލިސް ނުފެށި ގިނައިރުތަކެއްވިފަހުން ކްރިމިނަލްކޯޓުން ވަނީ އެމައްސަލައިގެ ޝަރީއަތް ކެންސަލްވެފައިވާކަން ހާމަކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައ ހިންގި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ 32 ދައުވާއެއް ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވި މައްސަލައިގައެވެ. މި ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ.

އެގޮތުން، މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފައެވެ. މީގެއިތުރުން ދައުވާތަކަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ޒިޔަތު ވަނީ ވިދާޅުވިއެވެ.

އެ މައްސަލައިގައި ދައުލަތުން އެދިފައިވަނީ ދައުވާތަކުގެ ޖުމްލަ އަދަބެއްގެ ގޮތުން ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ