ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް އަޙްމަދު އަދީބު ޚަރަދު ކޮށްފައިވަނީ ހިޔާނާތުގެ ފައިސާކަމެއް ނޭނގޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން ކަމަށާއި، ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެކަމަށެވެ.
އަދި އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީ.ޕީ.އެމް. ގެ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބުކަމަށާއި، އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވާކަމަށް މިބަޔާނުގައި ވެއެވެ.
"އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީ.ޕީ.އެމް. ގެ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބެވެ. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވޭ" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް 2 އަހަރާއި ބައި ވެގެން ދިޔަ އިރު އެކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައި ވާ ނަންތަކާ މެދުވެސް ސުވާލު އުފެދޭކަމަށާއި، ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ޙިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަޤްޞަދު ވަރަށް ބޮޑަ ހާމަވެގެން ދާކަމަށްވެސް އިދިކޮޅުންވަނީ ބުނެފައެވެ.
އެކޯލިޝަނުން އިތުރަށް ބުނީ، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 280 ފަރާތަށް ވުރެ ގިނަ ފަރާތެއްގެ ނަންތައް ހިމެނިފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަންވެސް ފާހަގަކުރެވޭކަމަށާއި، މީގެ އިތުރުންވެސް، މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަޙުޤީޤުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދާކަމަށެވެ.
"އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅުން ހުރިކަމަށް ބުނެ ނެރެފައިވާ ލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެމީހުންނާއި އެއްވެސް ސުވާލު ކުރުމެއް ނެތި ހިމަނާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އެމްޑީޕީ ވެރިކަމާއި ޙަވާލުވެ، އެންމެ ފުރަތަމަ ކުރި ކަންތައް ތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ ޙިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާއި އެކު ޑީލް ހަދާ އެމީހުންގެ އަދަބަށް ލުއި ހޯދާދިނުމުގެ އިތުރުން، އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނަންތައް އުނިކޮށްފައިވާކަމަށްވެސް އެކޯލިޝަނުންވަނީ ތުޙުމަތު ކޮށްފައެވެ.
އަދި އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް އެގޮތުގައި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށްވެސް މިބަޔާނުގައި އެކޯލިޝަނުންވަނީ ސަރުކާރަށް ގޮވާލާފައެވެ.