ރައީސް ނަޝީދު އަދި ރައީސް ޔާމިން - ފޮޓޯ: ވީ ނިއުސް

ދައުލަތް އޮރިޔާންވަނީ ޔާމީނަށް އެކަނި ދައުވާކޮށްފައި ނިންމާލީމަ: ރައީސް ނަޝީދު

ދައުލަތް އެންމެ ބޮޑަށް އޮރިޔާންވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެކަނި ދައުވާކޮށްފައި ނިންމާލާތީކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ،  އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން ދައުވާ ނުކުރެވޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.

"އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާތައް ނުކުރެވޭ ސަބަބެއް އޮވެގެން ނުވާނެ. ރައީސް ޔާމީންއަށް އެކަނި ދައުވާކޮށްފައި ނިންމާލުމަކީ ވަރަށް ހުތުރު ކަމެއް. އެއަށްވުރެ ބޮޑަށް ދައުލަތް އޮރިޔާންވާނެ ކަމެއް ނެތް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މައްޗަށް ދައުވާކުރަން ޕީޖީއިން ފޮނުވައިފައިވާ މައްސަލަ އެއްވެސް ހެއްކެއްނެތި ކޯޓަށް ވައްދައިފިނަމަ ދައުލަތް "އޮރިޔާން" ވާނެ ކަމަށްބުނެ މަޙްލޫފްގެ އިންޒާރެއް ދައުލަތަށް އަމާޒުވެފައިވަނިކޮށެވެ.

މަޙްލޫފް ވިދާޅުވެފައިވަނީ، އެއްވެސް ހެއްކެއްނެތި ކޯޓަށް މައްސަލަ ހުށައަޅައިފި ނަމަ، މިމައްސަލައިގައި ދައުލަތުން ހޭވި ހަޑި ހާމަވެ، އޮރިޔާން ވާނެކަމަށާއި، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރިކަމަށެވެ.

"އައްސަދުމެން ޝިއުނާމެން ކޮށްފައި މިހުރި ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އަޅުގަނޑު އަތުގައި އެބަހުރި. މި ޗެޓްލޮގްތައް އަޅުގަނޑު ހާމަކޮށްފިނަމަ މިމީހުންގެ އިންޓެގްރިޓީ ގެއްލިދާނެ،" މަހްލޫފް ވިދާޅުވެފައިވެއެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ، ޕީޖީ ޝަމީމަށް މި މައްސަލައިގައި ސިޔާސީގޮތުން ޕްރެޝާކޮށްފައިވާ ކަމަށާއި، މައްސަލައިގައި ގޮތެއް ނުނިންމަވާ ހުންނެވީ އެ ޕްރެޝާގެ ސަބަބުން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ވައުދުވެގެން ވެރިކަމަށް ވަޑައިގެން މި ސަރުކާރުން އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ރައީސް ޔާމީނަށް އެކަންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ