ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ދެކުނު ކޮރެއާއިން ކޮވިޑް-19ގެ އެލާޓް ލެވަލް މަތިކޮށްފިއެވެ.
މިއާއެކު ދެކުނު ކޮރެއާގެ ވެރިރަށް ސޯލާއި އަދި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި 50 މީހުންނަށްވުރެ އިތުރަށް އެއްވެ އުޅުމާއި ޖިމާއި އަދި ކަރޯކީ ބާތައް ހުޅުވުންވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 އަށް މިއަދު އެކަނިވެސް ދެކުނު ކޮރެއާއިން 631 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މިއީ ނުވަމަހަށްފަހު ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގައި ދުވާލެއްގެ މައްޗަށް މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވުވި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެން ފެށިތާ ކައިރީ މިއަހަރުގެ ކުރީކޮޅު ދެކުނު ކޮރެއާގައި މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔެއްގެ ތައުރީފު އެގައުމަށް ލިބިފައި ވެއެވެ. ނަމަވެސް ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އަނެއްކާވެސް ކޮވިޑް-19 ދެކުނު ކޮރެއާގައިވަނީ ފެތުރެން ފަށާފައެވެ.
މިވަގުތު ކޮވިޑް-19 އަށް ދެކުނު ކޮރެއާގައި 7،873 މީހުން ފަރުވާހޯދަމުން އަންނައިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސްވަނީ އިތުރުވާން ފަށައިފައެވެ. މުޅި ޖުމްލަ ކޮވިޑް-19 އަށް ދެކުނު ކޮރެއާއިން ޕޮޒިޓިވުވެފައިވަނީ 37،546 މީހުންނެވެ. އަދި މިބަލީގައި މަރުވެފައިވަނީ 545 މީހުންނެވެ.




