އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޭނުންފުޅުވެލައްވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މަޣްރިބް ނަމާދު ކުރައްވައިގެން ޖަލްސާއަށް ވަޑައިގަންނަވަން ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
މަޖިލީހުން މިކަން ހާމަކުރައްވާފައިވަނީ ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.
"ބޮޑުވަޒީރު ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މަޣްރިބް ނަމާދު ކުރައްވަން ވަގުތު ދެއްވުމަށްފަހުގައި." ރައްޔިތުންގެ މަޖިލީހުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ އިދާރާއިން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، މޯދީގެ ޝެޑިއުލް މިގޮތަށް ބަދަލުކުރެއްވީ، އަންނަ ހޮނިހިރު ދުވަހު ބޮޑުވަޒީރު ތަޤްރީރު ކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ މަޣްރިބް ނަމާދު ވަގުތާ ކައިރި ވަގުތަކަށްވާތީ، މަޖިލީހުގެ މެންބަރުންނަށް ނަމާދު ކުރަން ފުރުޞަތު އެރުވުމުގެ ގޮތުން ކަމަށެވެ.
"އެހެންކަމުން ބޮޑުވަޒީރު ތަޤްރީރުކުރައްވާ ޖަލްސާ ފެށުމަށް ނިންމާފައިވަނީ އެދުވަހުގެ މަޣްރިބް ނަމާދަށް ފަހުގައި ކަމުގައި ދެންނެވިން." މަޖިލީހުން ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.



