ރާއްޖޭގައި ފުރަތަމަ ފަހަރަށް މާޝަލް އާރޓް ސެންޓަރެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މާޝަލް އާރޓް ސެންޓަރެއް ހުޅުވައިފިއެވެ.

ހުޅުމާލެގައި ޤާއިމްކުރި ގައުމީ މާޝަލް އާރޓް ސެންޓަރ މިއަދު ހުޅުވާފައިވާއިރު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފެވެސް ވަނީ ބައިވެރިވެވަޑަގެންފައެވެ.

މާޝަލް އާޓްސް ދަސްކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކުޅިވަރާ ބެހޭ ވުޒާރާއިން ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ބޭނުންކުރުމުގެ ފުރުސަތު ވަނީ އެއްވެސް އަގެއް ނުނަގާ ގޮތަށް މިއަހަރުގެ ނިޔަލަށް ދީފައެވެ.

މާޝަލް އާރޓް ސެންޓަރ އަދި ޓޭބަލް ޓެނިސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނާއި ކުޅުންތެރިން ބިނާކުރުމަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މިއަދަކީވެސް ވަރަށް ހާއްސަ ދުވަހެއްކަމަށެވެ.

މިއަދު މި ހުޅުވޭ ގައުމީ މާޝަލް އާޓް ސެންޓަރު ގެ އިތުރުން މާޝާލް އާޓް އެސޯސީއޭޝަންއެއް ވަރަށް އަވަހަށް ގާއިމު ކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޅިވަރާބެހޭ ވަޒީރު މަޙްލޫފް ވިދާޅުވީ، ދިވެހިރާއްޖޭގައި ހުޅެވޭ ފުރަތަމަ މާޝިއަލް އާރޓްސް ސެންޓަރ މިއަދު ހުޅުވިގެންދާއިރު، މިއީ ތާރީޚީ ދުވަހެއްކަށެވެ. އަދި މިސެންޓަރުގެ ސަބަބުން މިދާއިރާގައި ޙަރަކާތްތެރިވާ ކުދިންނަށާއި، ޤައުމީ މާޝިއަލް އާރޓްސް އެސޯސިއޭޝަނަށް މިދާއިރާއިން ހުނަރު ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވުމާއެކު، މާޝަލް އާޓްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ މާޝިއަލް އާޓްސް ސްކޫލްތަކުން މިދިޔަ އަހަރު އިންޓަނޭޝަނަލް 3 މުބާރާތެއްގައި ވަނީ ބައިވެރިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ