ކޮވިޑް-19ގެ އެހީ ބެހުމުގައި ރިޝްވަތުގެ ފައިސާގައި ހިފި ކަމުގެ ތުހުމަތު ކުރެވޭ އިންޑޮނޭޝިއާގެ ސޯސިއަލް އެފެއާރޒް މިނިސްޓަރ އެގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރެޓީއާއި އަމިއްލައަށް ހަވާލުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ސޯސިއަލް އެފެއާރޒް މިނިސްޓަރ ޖުލިއަރީ ބަތުބަރާ އެގައުމުގެ ކޮރަޕްޝަން އިރިޑިކޭޝަން ކޮމިޝަނާއި އަމިއްލައަށް މިއަދު ހަވާލުވެފައިވަނީ އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަތުބަރާ އެ ކޮމިޝަނަށް ހާޒިރުވުމަށް ގޮވާލައިފައި ވަނިކޮށެވެ.
އިންޑޮނޭޝިއާގައި ވެރިކަންކުރާ އިންޑޮނޭޝިއަން ޑިމަކްރެޓިކް ޕާޓީ އޮފް ސްޓްރަގަލްގެ މެންބަރު ބަތުބަރާ އަށްކުރާ ރިޝްވަތު ހިފިކަމުގެ ތުހުމަތުތަކާއި ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އިންޑޮނޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި ބަތުބަރާގެ އިތުރުން އިތުރު ދެމީހަކުވަނީ ކޮވިޑް-19ގެ އެހީއާ ގުޅޭ ޕްރޮޖެކްޓަކުން ރިޝްވަތުގެ ފައިސާ ހޯދައިފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ތުހުމަތުކުރަނީ އެހީގެ ޕްރޮގްރާމުގައި ބައިވެރިވި ކުންފުނިތަކުން 1.2 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތެވެ. އެގޮތުން އެހީގެ ގޮތުގައިދޭ ކާނާގެ ކޮންމެ ޕެކޭޖަކަށް ބަތުބަރާއަށް 0.7 ޑޮލަރު ދިނުމަށް އޭނާ އެންގެވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ދެން މި މައްސަލައިގައި ޝާމިލުވާ ދެމީހުންނަކީ އާމުންގެ ދެމީހުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޗެއާމަން ފިރުލީ ބަހުރީ މިމައްސަލައިގައި ވިދާޅުވީ، އާންމު ރައްޔިތުންގެ ފައިސާގައި ޖެހުނުކަން ބަތުބަރާގެ މައްޗަށް ސާބިތުވެއްޖެނަމަ ބަތުބަރާގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އައްނާނެ ކަމަށެވެ. މިމައްސަލައާއި ގުޅިގެން އިންޑޮނޭޝިއާ ފުލުހުން އިއްޔެ ހިނގި އޮޕަރޭޝަނެއްގައިވަނީ ގިނަ އަދަދެއްގެ ފައިސާވެސް ހޯދައިފައެވެ.



