ޒިޔަތު 11 އަހަރަށް ޖަލަށްލާން ޙުކުމް ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް މިއަދު ޙުކުމް ކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ދަޢުލަތުން ވަނީ ޚިޔާނާތާއި ގުޅޭ 32 ދަޢުވާއެއް ކޮށްފައެވެ. މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފައެވެ.

ޒިޔަތު ވަނީ ރަށްރަށާއި ފަޅު ވިއްކައިގެން ދަޢުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާ ކުރުމުގެ ބަދަލުގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައެވެ. އެ ފައިސާތައް އެސްއޯއެފް އެކައުންޓުން ވަނީ ގިނަ ފަރާތްތަކަކަށް ލިބިފައެވެ. ކޯޓުގައި ޒިޔަތު އިޢުތިރާފްވެފައިވާ ގޮތުން އޭނާ ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދުު 781 މިލިއަން ރުފިޔާއަށް އަރައެވެ.

ޒިޔަތުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް އޭނާ އަމިއްލައަށް އިޢުތިރާފްވެފައިވާއިރު، ދަޢުލަތުން ވަނީ އޭނާގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށް އެދިފައެވެ.

އެގޮތުން އިއްޔެ ބޭއްވުމަށް ފުރަތަމަ ތާވަލްކުރި މި ޝަރީއަތް މިއަދަށް ލަސްކޮށްފައިވާއިރު، ކްރިމިނަލްކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ