މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ޖަލަށް ބަދަލުކޮށްފިއެވެ.
ޒިޔަތުގެ މައްޗަށް ދަޢުލަތުން ވަނީ ޚިޔާނާތާއި ގުޅޭ 32 ދަޢުވާއެއް ކޮށްފައެވެ. މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފައެވެ.
ޒިޔަތު ވަނީ ރަށްރަށާއި ފަޅު ވިއްކައިގެން ދަޢުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާ ކުރުމުގެ ބަދަލުގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައެވެ. އެ ފައިސާތައް އެސްއޯއެފް އެކައުންޓުން ވަނީ ގިނަ ފަރާތްތަކަކަށް ލިބިފައެވެ. ކޯޓުގައި ޒިޔަތު އިޢުތިރާފްވެފައިވާ ގޮތުން އޭނާ ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދުު 781 މިލިއަން ރުފިޔާއަށް އަރައެވެ.
ޒިޔަތުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް އޭނާ އަމިއްލައަށް އިޢުތިރާފްވެފައިވާއިރު، ދަޢުލަތުން ވަނީ އޭނާގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށް އެދިފައެވެ.
އެގޮތުން އިއްޔެ ބޭއްވުމަށް ފުރަތަމަ ތާވަލްކުރި މި ޝަރީއަތް މިއަދަށް ލަސްކޮށްފައިވާއިރު، ކްރިމިނަލްކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ޒިޔަތުގެ މައްޗަށް 11 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމަށް ފަހު ޒިޔަތު ގެންގޮސްފައިވަނީ މާފުށީ ޖަލަށެވެ.