މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުން ލޮލުގަ އަނދުނެއް އެޅުުވުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޒިޔަތުގެ މައްޗަށްކުރި ހުކުމާއެކު އޭނާ ޖަލު ބަންދަށް ބަދަލުކޮށްފައިވާތީ މިކަމާއިގުޅިގެން ކުރެއްވިޓްވީޓެއްގައެވެ.
ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އަށް އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވީ 2016 ވަނަ އަހަރުގެ ޖޫން 23 ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ ނުވައެއް ގައި ކަރެކްޝަންސްއިން އޭނާވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
އެއަށްފަހު އަނެއްކާވެސް ޒިޔަތު ޖަލު ބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ ހޯމަދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމާއިގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޝުޖާއު އިތުރަށް ވިދާޅުވީ ޒިޔަތު ޖަލަށް ބަދަލުކުރީ ރައްޔިތުން ލޮލުގަ އަނދުނެއް އެޅުުވުމަށް ކަމަށާއި، ދަށުކޯޓުގައި ހިންގާ ޝަރީއަތުގައި ރައީސް ޔާމީންއާއި ދެކޮޅަށް ޒިޔަތު ހެކިބަސްދީ ނިމުމުން ގެއަށް ބަދަލުކުރާނެކަމަށެވެ.
"މީ މިއަދު އިންސާފު އޮތް ގޮތް! ޒިޔަތު އިނީ އުލު ބައިންދާފަ. ހެކިބަސް ނުދީފިނަމަ އޮތީ ޖަލު. ދީފި ނަމަ ގެ." ޝުޖާއު ގެ ޓްވީޓްގައި ވިދާޅުވިއެވެ.
Ziyath Jalah Badhalu kuree Rayyithun lolugai Andhuneh Elhuvumah.Dhashu Court gai Hingaa Sharee athugai RY aa dhekolhah Ziyathu Hekibas Dhee nimumun Geah Badhalu kuraane.Mee Miadhu Insaafu Oiy Goiy!Ziyathu Inee Ulu baindhaafa.Hekibas Nudheefi Nama Othee Jalu.Dheefi Nama Ge.
— Ibrahim Shujau ???? (@shuja3831) December 11, 2020
ޒިޔަތުގެ މައްޗަށް ދަޢުލަތުން ވަނީ ޚިޔާނާތާއި ގުޅޭ 32 ދަޢުވާއެއް ކޮށްފައެވެ. މިދިޔަ މަހުގެ 30 ގައި ބޭއްވި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ކޮންމެ ދައުވާއަކަށް ވަކިވަކިން އޭނާ ވަނީ އިއުތިރާފުވެފައެވެ.
ޒިޔަތުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް އޭނާ އަމިއްލައަށް އިޢުތިރާފްވެފައިވާއިރު، ދަޢުލަތުން ވަނީ އޭނާގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ޒިޔަތު ވަނީ ރަށްރަށާއި ފަޅު ވިއްކައިގެން ދަޢުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާ ކުރުމުގެ ބަދަލުގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށްފައެވެ. އެ ފައިސާތައް އެސްއޯއެފް އެކައުންޓުން ވަނީ ގިނަ ފަރާތްތަކަކަށް ލިބިފައެވެ. ކޯޓުގައި ޒިޔަތު އިޢުތިރާފްވެފައިވާ ގޮތުން އޭނާ ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދުު 781 މިލިއަން ރުފިޔާއަށް އަރައެވެ.



