އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މިއަދު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ދެނަމާދު ދޭތެރޭގެ ވަގުތުގައި މަޖިލީހުގައި ބާއްވާ ޚާއްޞަ ޖަލްސާއެއްގައެވެ.
އެ ޖަލްސާ ދެނަމާދު ދޭތެރޭ ބާއްވާތީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާ އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް ފާޅުކުރެއްވީ ތަފާތު ހިޔާލެކެވެ. އިޔާޒު އެދިލައްވަނީ މެންބަރުންނަށް ނަމާދު ކުރާނެ "މުސައްލައެއް" ހަމަޖެއްސެވުމަށެވެ.
"މަޖިލިސް މެންބަރުންނަށް ނަމާދު ކުރެވޭނެ ގޮތަށް މަޖިލިސްކުރާގެ ތެރޭގައި "މުސައްލައެއް" ތައްޔާރުކޮށްދެއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އެދެން." ޑރ.އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Majlis member innah namaadhu kureveyne gothah Majlis kuraage thereygai "Musalla" eh thayyaaru koh dhevvumah Majlisge Raees @MohamedNasheed ge arihun v adhabu verikamaai eku edhen.
— Dr Mohamed Iyaz (@dr_iyaz) June 6, 2019
މޯދީ ތަޤްރީރު ކުރައްވާ ވަގުތާ މެދުގައި ޚިޔާލުތަފާތުވެފައިވަނިކޮށް ރޭ މަޖިލީހުގެ އިދާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޭނުންފުޅުވެލައްވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މަޣްރިބް ނަމާދު ކުރައްވައިގެން ޖަލްސާއަށް ވަޑައިގަންނަވަން ކަމަށެވެ.
"ބޮޑުވަޒީރު ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މަޣްރިބް ނަމާދު ކުރައްވަން ވަގުތު ދެއްވުމަށްފަހުގައި." ރައްޔިތުންގެ މަޖިލީހުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ދެވަނަ ދައުރަކަށް ކުރެއްވުމަށްފަހު މޯދީ ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.




