ޝަހީބް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ސްޕްރީމް ކޯޓުންވެސް ތާޢީދުކޮށްފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޝަހީބު އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ކޮށްފައިވާ އަމުރަށް ސްޕްރީމް ކޯޓުންވެސް ތާޢީދު ކޮށްފިއެވެ.

މި މައްސަލާގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

މި މައްސަލާގައި ބަންދުގައި ބެހެއްޓުމަށްފަހު ޝަހީބު ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އޮކްޓޫބަރު 28 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުންނެވެ.

ނަމަވެސް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ މިއަމުރު ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާއި އެއްގޮތް ނޫންކަމަށް ބުނެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މި އަމުރު ހައިކޯޓުގައި އިސްތިޢުނަފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލު ކަމަށް ނިންމާ އަލުން ޝަހީބް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

ޝަހީބު ބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރު ސްޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރުމުން އެ ކޯޓުން ވިދާޅުވެފައި ވަނީ ޝަހީބު މި ކުއްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އޭނާއާއި ދެކޮޅަށް ހެކި ކްރިމިނަލް ކޯޓަށް ފުލުހުން ހުށައަޅާފައިވާކަމަށެވެ.

ސްޕްރީމް ކޯޓުން ކުރި ޙުކުމްގައި ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށައަޅާފައި އޮތުމުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ