އީރާނުގެ ނިއުކުލިޔާ ސައިންޓިސްޓް މަރާލި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓު ޕްރެފެސަރު މުޙްސިން ފަޚްރީޒާދޭ މަހާބާދީ މަރާލި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

އީރާން ޕާލަމެންޓުގެ އެޑްވައިޒަރަކު އަލް އައްލާމް ޓީވީ އަށް ދިން ބަސްތީގަތުމެއްގައި މިމައްސަލައިގައި އީރާން ސަރުކާރުން ބަޔަކު ހައްޔަރުކޮށްފައިވާކަންވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މިމީހުންނާއިބެހޭ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

އީރާނުން ތުހުމަތުކުރާ ގޮތުގައި ޕްރެފެސަރު މުޙްސިން މަރާލައިފައިވަނި އިޒްރޭލުގެ ސިއްރު އެޖެންޓުންނެވެ. މި ތުހުމަތުތަކަށް އިޒްރޭލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. މީގެކުރިން އީރާނުން ބުނެފައިވަނީ ޕްރެފެސަރު މުޙްސިން މަރާލައިފައިވަނީ އޭނާ ދުއްވަމުންދިޔަ ކާރަށް ބޮމާއި ބަޑީގެ ހަމަލާ ދީގެން ކަމަށެވެ. ނަމަވެސް ފަހުގެ މައުލޫމާތުތައް ބުނާގޮތުން ޕްރެފެސަރު މުޙްސިން މަރާލައިފައިވަނީ އޮޓަމެޓިކުން ކޮންޓްރޯލް ކުރެވޭ މެޝިންގަންއެއް ބޭނުން ކޮށްގެންނެވެ.

އީރާނުންވަނީ ޕްރެފެސަރު މުޙްސިން މަރާލި ކަމުގެ ބަދަލު ހިފާނެކަން އދ. ގެ ސަލާމަތީ މަޖިލީހަށް ރަސްމީކޮށް އަންގައިފައެވެ. މިގޮތުން އީރާނުން ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕްރެފެސަރު މުޙްސިން އަވަހާރަކޮށްލުމުގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށާއި އެކަމަށް ބަދަލުހިފަން ނިންމާފައިވާކަމަށެވެ.

ޕްރެފެސަރު މުޙްސިން މަރާލައިފައިވަނީ އީރާނުގެ ވެރިރަށް ތެހެރާން ކައިރީ މިދިޔަމަހުގެ 27 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ