ފެނަށް ޖެހި އީރާނުގައި ކުރަމުންދާ އިހުތިޖާޖުގައި އެކަކު މަރުވެއްޖެ

ފެނާއި ކަރަންޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އީރާނުގެ ހުޅަނގު ދެކުނު ސަރަހައްދުތަކުގައި ކުރަމުންދާ އިހުތިޖާޖުގައި އެކަކު މަރުވެފައިވާކަމަށް އެގައުމުގެ ދައުލަތުގެ ޓީވީ އިން ޚަބަރު ދީފިއެވެ.

ކަޒަސިސްތާން ޕުރޮވިންސުގެ އޮފިޝަލަކާއި ހަވާލާދީ އީރާނުގެ ދައުލަތުގެ ޓީވީ އިން ބުނެފައިވަނީ، މަރުވެފައިވަނީ އިހުތިޖާޖުގެ ބައިވެރިން ވަޔަށް ޖެހި ބަޑީގެ ވަޒަނެއް އަމާޒުވި މީހެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިވާހަކަތައް ދޮގުކުރެއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މަރުވެފައިވަނީ އީރާނުގެ ސަލާމަތީ ބާރުތަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ.

އީރާނަށްވަނީ ވަރަށް ބޮޑަށް ހަނަފަސްކަމުގެ އަސަރު މިފަހަރު ކުރިމަތިވެގެން ގޮސްފައެވެ. ފެންލިބުމުގެ ދަތިކަމާއި އަދި ކަރަންޓު ލިބުމުގެ ދަތިކަމާއި ގުޅިގެން އީރާނުގެ އާމުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފައެވެ. އީރާނުގެ ސަރުކާރުން އައްނަނީ އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ސިއްރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނަމުން އައްނަނީ ފެންލިބުން ދަތިވެފައިވަނީ، މިއަހަރު ވާރޭވެހުން މަދުވުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުން ބުނަމުން އައްނަނީ ފެންލިބުން ދަތިވާން ދިމާވީ ކުރަޕްޝަނާއި ސަރުކާރުގައި ހިނގުންތެރިކަން ނެތުމުގެ ސަބަބުން ކަމަށެވެ.

އެމެރިކާއިން އީރާނާއި ދެކޮޅަށް އަޅައިފައިވާ ފިއްތުންތަކާ އަދި ކޮވިޑް-19 ޕެންޑަމިކާއި ގުޅިގެން އީރާނުގެ އިގުތިސާދަށްވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ފާއިތުވެދިޔަ ހަފްތާތަކުގައި ތެލުގެ ސިނާއަތުގައި މަސައްކަތްކުރާ އެތައްހާސް މަސައްކަތްތެރިންވެސްވަނީ މުސާރަ ބޮޑުކުރުމަށާއި މަސައްކަތުގެ މާހައުލު ރަނގަޅުކުރުމަށް އެދި އިހުތިޖާޖު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ