ކެނެޑާއިންވެސް ފައިޒާ ވެކްސިނަށް ހުއްދަދީފި

އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ކެނެޑާގެ ސިއްހަތާބެހޭ މައި އިދާރާއިން ދީފިއެވެ.

ކެނެޑާގެ ސިއްހަތާބެހޭ މައި އިދާރާ ހެލްތް ކެނެޑާއިން ބުނީ މިއީ ކޮވިޑް-19 އާއި ދެކޮޅަށް އެގައުމުން ކުރާ ހަނގުރާމައިގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހެލްތް ކެނެޑާއިން އިތުރަށް ބުނީ، ރައްކާތެރި ކަމާ، ނަތީޖާ ނެރުމުގައާ، އަދި ފެންވަރުގެ ގޮތުން މި ވެކްސިން ރަނގަޅު ކަމަށާއި އެ އިދާރާއިން ބަލާ މިންގަނޑުތަކުން ފާސްވެފައިވާ ކަމަށެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި 249,000 ޑޯޒްގެ ވެކްސިން މިމަސް ނިމުމުގެ ކުރިން ކެނެޑާއަށް އެމެރިކާގެ ފައިޒާ ކުންފުނިން ފޯރުކޮށްދޭނެއެވެ. މުޅި ޖުމްލަ 20 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް ކެނެޑާ ސަރުކާރުންވަނީ ނިންމައިފައެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވާ ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތައްފަހު ދެން މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ގައުމަކީ ބަހުރެއިންއެވެ. ތިންވަނަ ގައުމަކަށް ވެގެން ގޮސްފައި މިވަނީ ކެނެޑާއެވެ.

އެމެރިކާގައި މި ވެކްސިން ދިނުމާއިމެދު ގޮތެއް ނިންމުމަށް އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މިއަދު ބައްދަލުވުމެއް ބާއްވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފައިޒާގެ ވެކްސިން ޓެސްޓު ކުރުމަށް އެތައް ހާސް މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ޓެސްޓުތަކުގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާ ގޮތުގައި އެ ވެކްސިން ދިން 95 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ކުރެވޭ ކަމަށް ފައިޒާއިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ