ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ރެމޯ ޑި ސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރެމޯއަށް ހާޓް އެޓޭކެއް ޖެހިފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އޭނާއަށް ފަރުވާދެމުންދަނީ މުމްބާއީގައި ހުންނަ ކޮކިލާބެއިން ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އޭބީސީޑީ އަދި އޭބީސީޑީ 2 ޑައިރެކްޓްކުރި ރެމޯއަކީ ރޭސް 3 އަދި އަދި ސްޓްރީޓް ޑާންސާރ 3ޑީ ގެ އިތުރުން ފްލައިން ޖެޓްގެވެސް ޑައިރެކްޓަރެވެ.
މީގެއިތުރުން ގިނަ ޓީވީ ޝޯވްތަކެއްގައި ޖަޖުކަންވެސް ރެމޯވަނީ ކޮށްދީފައެވެ. އޭގެތެރޭގައި ޑާންސް އިންޑިއާ ޑާންސް، ޑާންސް ޕްލަސް އަދި ޖަލަކް ދިކްލާޖާ ފާހަގަކޮށްލެވެއެވެ.



