ެއެމެރިކާގައި ކޮވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް، ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން ބޭނުންކުރުމަށް ހުއްދަދީފިއެވެ.
އެގޮތުން އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިންނެވެ.
އެފްޑީއޭއިން ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުއްދަ ދެމުން ބުނެފައި ވަނީ ފައިޒާ ވެކްސިން ދެވޭނީ 16 އަހަރުން މަތީ އުމުރުގެ މީހުނަށް ކަމަށެވެ. ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމާއިއެކު ތިން މިލިއަން ޑޯޒްގެ ވެކްސިން އެމެރިކާގެ 600 ސަރަހައްދަކުން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
އެގޮތުން ތަޖްރިބާކާރުން ވަނީ، ފައިޒާގެ ވެކްސިނަކީ ބައްޔާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ލަފާކޮށްފައެވެ.
އެފްޑީއޭ އިން ފައިޒާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިނީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އެފްޑީއޭ އެޑްވައިޒަރީ ޕެނަލް އިން އެފްޑީއޭ އަށް ލަފާދިންތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.
ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން އެންމެ ފުތަމަ ބޭނުންކުރަން ފެށީ އިނގިރޭސިވިލާތުގަ އެވެ. ސައޫދީ އަރަބިޔާ، ބަހުރެއިން، ކެނެޑާ އަދި މެކްސިކޯ އިން ވެސް މިހާރު ވަނީ މި ވެކްސިނަށް ހުއްދަދީފަ އެވެ.



