މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަށް ބަދަލު އައިސްފި އެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ޑިސެންބަރު 9 އިން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 (ހަ ހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސްލާރި) ކަމަށެވެ.
ކުރިން މުދަލުގެ ޒަކާތުގެ ނިޞާބުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވާފައިވަނީ 4676.70 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވާލި ފަގީރުންގެ ލިސްޓުގައި ތިބި މީހުންގެ އަދަދު ކޮވިޑް-19 ގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ވަނީ އިތުރުވެފައެެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އަދި އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ޙައްޤެކެވެ.
ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބެކެވެ.
2016 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން، މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެވެ.