މ. މުލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު މ. މުލީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި، މި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ މުލަކު އަތޮޅު ކައުންސިލުގެ ރައީސް، އައްޝައިޚް ޔޫސުފް ސިދުޤީއެވެ.
މީރާ އިން ވިދާޅުވީ މުލި ކަލެކްޝަން ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެއެވެ.
އޭގެތެރޭގައި، ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން ވަނީ މައުލޫމާތުދީފައެވެ.
މިހާތަނަށް މީރާއިން ވަނީ 17 އަތޮޅެއްގައި 18 އޮފީސް ގާއިމުކޮށް އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.



