ފައިޒާ ވެކްސިން މާދަމާއިން ފެށިގެން އެމެރިކާގައި ދޭން ފަށަނީ

އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން މާދަމާ އެމެރިކާގައި ދޭންފަށާނެ ކަމަށް އެގައުމުން ބުނެފިއެވެ.

އެމެރިކާގައި ފައިޒާ ވެކްސިން ދިނުމުގެ ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގުސްތާވާ ޕާނާ ވިދާޅުވީ، ފުރަތަމަ ތިން މިލިއަން ޑޯޒްގެ ވެކްސިން މި ހަފްތާ ބަންދުގެ ތެރޭގައި އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ޝިޕް ކުރެވޭނެ ކަމަށެވެ.

ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ފައިޒާ ވެކްސިނަކީ ކޮވިޑް-19 އިން 95 އިންސައްތައިގެ ރައްކާތެރިކަން ފޯރުކޮށްދޭ ކާމިޔާބު ވެކްސިނެކެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އިތުރުން، އިނގިރޭސިވިލާތް، ބަހުރެއިން، ކެނެޑާ، އަދި ސައުދީއަރަބިއްޔާއިންވެސްވަނީ ދީފައެވެ.

އެމެރިކާއަކީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެއިންވެސް އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމެވެ. މިހާތަނަށް މުޅި ޖުމްލަ 300،000 ވުރެ ގިނަ މީހުން މިބަލީގައި އެމެރިކާއިންވަނީ މަރުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް އެމެރިކާއިންވަނީ 3,309 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ފައިޒާ ވެކްސިން އެމެރިކާގައި އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރީންނަށާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެތަކުގައި ތިބި ފަރާތްތަކަށެވެ. އެމެރިކާގެ އާމުންނަށް މި ވެކްސިން ދެވޭވަރުވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުކަމަށް ރިޕޯޓުތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ