ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ހުށައަޅައިފައިވާ ކަންކަމާ ގުޅޭ ގޮތުން ހަމާސްއިން ފަލަސްޠީނުގެ އެހެން ފަރާތްތަކާއިއެކު މަޝްވަރާކުރަނީ

ޣައްޒާގައި އިޒްރޭލުން ދެމުންގެންދާ ހަނގުރާމައިގެ ޢަމަލުތައް 22 ވަނަ މަހަށް ވަދެފައިވާ ދަނޑިވަޅެއްގައި، ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅިފައިވާ އެންމެ ފަހުގެ ހުށަހެޅުމާ ގުޅޭގޮތުން ފަލަސްތީނުގެ އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ހަމާސްއިން ބުނެފިއެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހަމާސްއިން ބުނެފައިވަނީ ޞުލްޙައިގެ ވާހަކަތަކުގެ މެދުވެރި ޤައުމުތަކުން ލިބިފައިވާ ހުށަހެޅުމާ ގުޅޭގޮތުން "ފަލަސްތީނުގެ ބާރުތަކާއި ފެކްޝަންތަކުގެ ލީޑަރުންނާއެކު" މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

އަދި މަޝްވަރާތައް ނިމުމުން އެކަމާ ގުޅޭ ފަހުގެ ނިންމުން މެދުވެރިންނަށް ހުށަހަޅާނެ ކަމަށާއި، އެކަން ރަސްމީކޮށް އިޢުލާނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ނެތަންޔާހޫއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައި، "ފައިނަލް ޕްރޮޕޯޒަލް" އެއް ކަމަށް އޭނާ ސިފަކުރާ ހުށަހެޅުމަށް ހަމާސްއިން ޖަވާބުދޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

އިޒްރޭލުގެ ޢަމަލުތަކުން މިހާތަނަށް މަދުވެގެން 57,130 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 130,000 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާއިރު، ޣައްޒާގެ 85 އިންސައްތަ ސަރަޙައްދު މިހާރު ވަނީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ސަތޭކަ ހާހުން ގުނާ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ހަމާސްއާ ގާތް މަސްދަރެއް ރޮއިޓަރސްއަށް ބުނެފައިވާ ގޮތުގައި، އެމެރިކާ ފަހަތުގައިއޮވެ ހުށަހެޅިފައިވާ މި އައު ހުށަހެޅުމުގައި، އިޒްރޭލުން ބޭނުން ވަގުތެއްގައި ހަނގުރާމަ އަލުން ފެށުމުގެ ފުރުސަތު ނުދިނުމާއި، ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމުގެ ޔަގީންކަން ބޭނުންވާ ކަމަށް ހަމާސްއިން ބުނެފައިވެއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ